އިސްލާމީ ފިގުހުގެ އުސޫލުތަކުގެ އަލީގައި ހަރުދަނާގޮތެއްގެ މަތިން އިތުބާރާއި އަމާނާތްތެރިކަމާއެކު ޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް ގާނޫނެއް ވުޖޫދުކުރެއްވުމަކީ އަދުގެ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހުށައެޅުއްވި ޒަކާތު ބިލު އިއްޔެ ރައްޔަތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވެއެވެ.

މިކަމާ ގުޅިގެން، މިނިސްޓަރު ޝަހީމް، ރޭ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި ބިލު ހުށައެޅެއްވުމަށް ދެއްވި މުހިންމުކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފައެވެ.

”އަޅުގަނޑުގެ ދުއާއަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު ނިޒާމަކަށް ވެގެން ދިއުން. ރާއްޖޭގެ ޒަކާތުގެ ގާނޫނު ބިނާވެފައިވަނީ އިސްލާމީ ފިޤުހުގެ އެންމެ ފަހުގެ ޒަމާނީ އިލްމީ ދިރާސާތަކުގެ މައްޗަށް.“ ޝަހީމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދުން ވެގެން ގޮސްފައިވަނީ ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ކަމެކެވެ.

އެގޮތުން ޒަކާތު ހައުސްއިން އާއްމުން ޒަކާތަށް ހޭލުންތެރިކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އިރު 2024 ވަނަ އަހަރަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ލިބިގެންދިޔަ އަހަރުކަން ފާހަގަކޮށްލެވެއެވެ.