ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީ ކޮށްފައިވާ 4000 ހައުސިން ޔުނިޓްތައް ހުރި ވަކިވަކި ޓަވަރުތަކުގެ ތަޅުގަނޑި ހަވާލުކުރާނެ ތާރީހުތައް ހާމަކޮށްފިއެވެ.

އެފްޑީސީން ބުނީ، 4000 ފްލެޓްތައް ހިމެނޭ ވަކިވަކި ޓަވަރުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެކި ތާރީހުތަކުގައި ކަމަށެވެ.

އެގޮތުން މި މަހުގެ ދެވަނަ ހަފްތާގައި އަމާން އުދަރެސް ޓަވަރުގެ 11، 12، 13، 15، 16 ޓަވަރުތަކުގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ.

އަދި މި މަހުގެ ފަސް ވަނަ ހަފްތާގައި އަމާން ދޯދި ޓަވަރު 1 ،2 ،3 ،4 ،12 ،13 ،14 ގެ ތަޅުދަނޑިތައް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އަމާން ދޯދި ޓަވަރު 15 ،16ގެ ތަޅުދަނޑި ހަވާލުކުރުމަށް ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ހަފްތާގައި ކަމަށާއި އަމާން އުދަރެސް ޓަވަރު 5، 6، 8 ގެ ތަޅުދަނޑި ހަވާލުކުރާނީ އެ މަހުގެ ތިންވަނަ ހަފްތާގައި ކަމަށެވެ.

އަދި އަމާން އުދަރެސް 1، 2، 3، 4، 7 ޓަވަރުގެ ތަޅުދަނޑުތައް ޖެނުއަރީ މަހުގެ ހަތަރު ވަނަ ހަފްތާގައި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެފްޑީސީން ބުނެއެވެ.

އެ މަހުގެ ފަސްވަނަ ހަފްތާގައި އުދަރެސް ޓަވަރު 5، 10 އާއި ދޯދި ޓަވަރު 5، 6، 7، 8، 9، 10، 11ގެ ތަޅުދަނޑު ދޫކުރާނެ ކަމަށް ވެސް އެފްޑީސީން މައުލޫމާތުދެއެވެ.

އެފްޑީސީއިން ފްލެޓް ހަވާލުކުރަމުންދަނީ އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށެވެ.

2 ކޮޓަރީގެ އެޕާޓްމަންޓަކަށް 15,000ރ، އަދި 3 ކޮޓަރީގެ އެޕާޓްމަންޓަކަށް 25,000ރ ގެ ޑިޕޮސިޓެއް ދައްކަން ޖެހެއެވެ.