ހުޅުމާލެ ފެސް ތިނެއްގެ ބިން ހިއްކުމަށް ފެށި މަސައްކަތުން މިއަދާ ހަމަޔަށް 30 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެވުނު 2 ޑްރެޖަރާއިއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ.
އެގޮތުން މަޝްރޫއުގެ ދަށުން، މިހާތަނަށް ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށެވެ.

އެޗްޑީސީން ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް މެދުކަނޑާލިއިރު 15 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކާ ނިންމާފައެވެ.

ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ވަނީ ބިންހިއްކުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއްކުންފުނި ބޮސްކާލިސްގެ ޑްރެޖަރެއް ގެނެސްފައެވެ. އެއީ 22,000 ސީބީއެމްގެ ޑްރެޖަރެކެވެ.
ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރުމަހުގެ 24 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

