ރާއްޖޭގެ ޖައްވާ ކަނޑުން، އެންމެ އިންޗިއެއްވެސް ގެއްލޭކަށް ގައުމީ ލޭހުރި ދިވެއްސަކު ނޭދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ގާސިމް މިހެން ވިދާޅުވީ ޗާގޯސް މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، ދޫދިނުމަށް ނިންމި ނިންމުމާ ގުޅިގެން، ދިވެހި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ ބިން އެކަނި ނޫން ކަމަށާ، ރާއްޖޭގެ ޖައްވާ ކަނޑުންވެސް އެންމެ ކޮޑި އިންޗިއެއްވެސް ގެއްލެން ނޫނީ ބަޔަކަށްދޭން، ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއާ ޗާގޮސްގެ ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި، އޮތް ހަމައެކަނި ޙައްލަކީ އިކުއިޑިސްޓޭންސްގެ އުސޫލް ކަމަށް ދެކި، ބަޔަކު ހަމަ އެދޭ އިރަށް ފަސޭހަކަމާއެކު އެގޮތަކަށް ދީލައިލުމަކީ ރާއްޖެއަށް އެންމެ މަސްލަޙަތު ހުރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެއީ އިން ވަކި ކުރަން ހުށަހެޅިފައިވަނީ އަންޒަމާނުއްސުރެ އާބާދީގެ ބޮޑު ބައެއް ކަނޑުގެ ރޯއްޖަށް ބަރޯސާވާ މީހުން ދިރިއުޅޭ ދިވެހިރާއްޖެއާ މިދިޔަ ބައި ގަރުނުވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އަދި މުސްތަގުބަލްގައިވެސް އެފަދަ ގޮތަކަށް އޮތުމުގެ ފުރުސަތު ބޮޑު (އިތުރު 99 އަހަރަށް އެމެރިކާގެ އަސްކަރީ ބަނދަރަކަށް ކުއްޔަށް ދޭން ހުށަހަޅަފައިވާ) ތަނަކާ ދެމެދު އޮތް ސަރަޙައްދެއްގެ ކަމަށް ވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އދގެ ކަނޑުގެ ގާނޫނީ ހަމައިން 200 ނޯޓިކަލް މޭލު ރާއްޖެއަށް ކްލެއިމް ކުރެވޭނެ ކަމަށާ ދިވެހން އެދެނީ ދިވެހި ސަރުކާރުން، ރާއްޖޭގެ އަންނަން އޮތް ޖީލްތަކުގެ މަސްލަޙަތުގެ ޙިމާޔަތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއްވެސް އިހުލާސްތެރިކަމާއެކު ކުރާތަން ފެނުން ކަމަށެވެ.