ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި އިބްރާހީމް ފަޒުލް ރަޝީދު އާއި އެ ކުންފުނީގެ އައިޓީ ހެޑް އަބްދުﷲ ޝުހޫދު، އެ ކުންފުނީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާ ކަމަށް ތުހުމަތުކުރި މައްސަލަ ސާބިތު ކުރެވޭވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެެނެރަލް (ޕީޖީ) ނިންމައިއެވެ.

މި މައްސަލާގައި ފަޒުލް ރަޝީދާއި އަބްދުالله ޝުހޫދުގެ މައްޗަށް ކުރި ތުހުމަތަކީ، ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސާވާގެ ތެރެއިން ޑިލީޓްކޮށްލާފައިވާތީ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ.

ޕީޖީ އޮފީހުން ބުނީ އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗްޑީސީގެ ސާވާ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި، ނުވަތަ ގެއްލިފައި ނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެކަމާ ބެހޭގޮތުން ފުލުހުން ތައްޔާރު ކުރި ރިޕޯޓުގައި، ފަޒުލް އާއި އަބްދުالله ޝުހޫދު، އެޗްޑީސީގެ ސާވާ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަހުގީގަށް ހޯދިފައިނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން، އިބްރާހީމް ފަޒުލް އާއި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަކަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.