ރަސްމާލޭގެ ދަތުރުފަތުރުގެ މާސްޓާޕްލޭން ހެދުމަށް ލަފާ ދޭނެ ފަރާތެއް ހޯދަނީ
09 ޑިސެމްބަރ 2025

ރަސްމާލެ ޓްރާންސްޕޯޓް މާސްޓާ ޕްލޭން ޕްރޮޖެކްޓުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގައި ލަފާ ދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މި ކޮންސަލްޓެންސީގެ މައިގަނޑު މަގްސަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓާ ޕްލޭނެއް އެކުލަވައިލުން ކަަމަށެވެ.
އަދި މި މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ ވެރިކަންކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން ކަމަށް ބުނެފައި ވެއެވެ.

އެ މިނިސްޓްރީން ވަނީ މިސައްކަތަށް ”އެކްސްޕްރެޝަން އޮފް އިންޓްރެސްޓް“ (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

އަދި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެންބަރު 24 ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން، ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“ މެއިލް ކުރުމަށް އެދިފައި ވެއެވެ.