ރ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެ ރަށުގެ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 44 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދުވާފަރު ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 142.11 މިލިއަން ރުފިޔާއަށް 450 ދުވަހުން ނިންމާހަވާލުކުރާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން 62،264 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއި، 343 މީޓަރުގެ ތޮއްޓެއް ބޭރުތެރެއަށް ޖެހުމާއި، 285 މީޓަރުގެ ތޮއްޓެއް އެތެރެވަރިއަށް ޖެހުމާއި، 180 މީޓަރު ދިގު 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

5000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ދުވާފަރަކީ މަސްވެރިކަން ކުރާ ގިނަ ބަޔަކު އުޅޭ ރަށަކަށް ވުމުން އެ ރަށުގެ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ ސަބަބުން ދުވާފަރުގެ ބަނދަރު ބޭނުންކުރުމުގައި މަސްވެރިންނަށް މިހާރު ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.