ރައްޔިތުން ކަންބޮޑުވުންފާޅުކުރާ ކަންކަން ނިޒާމުގެ ތެރެއިން ކޮށްދޭނަން: ރައީސް
17 ޑިސެމްބަރ 2025

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ ހިޔާލާއި ޝުއޫރު، އަދި ކަންބޮޑުވުންތައް އަޑުއައްސަވާ، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ މަޝްވަރާބައްދަލުކުރެއްވުންތަކުގެ ތެރެއިން، މާލޭ ސިޓީގެ ގަލޮޅު އަވަށުގެ ރައްޔިތުންނާއެކު ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައެވެ.

ޢިމާދުއްދީން ސްކޫލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާބައްދަލުކުރެއްވުން ފައްޓަވަމުން ރައީސް ވަނީ، ރައްޔިތުންނާއެކު ކުރިއަށްގެންދެވުނު މިފަދަ މަޝްވަރާ ބައްދަލުވުންތަކުގައި ހިއްސާ ކުރެވިދިޔަ ބައެއް ކަންބޮޑުވުންތަކުގެ ތެރެއިން، އެމަނިކުފާނުގެ ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހައްލު ކުރައްވަމުން ގެންދަވާ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.

މި މޭރުމުން މައިގަނޑު ދެ ކަމެއް ރައީސް ފާހަގަކުރެއްވިއެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، މީގެ ކުރިން އިއުލާނު ކުރެވުނު ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން، އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް އިތުރު ސްކީމަކަށް ކުރިމަތިނުލެވޭ ގޮތަށް އޮންނަ އޮތުމާ ގުޅިގެން ރައްޔިތުން ފާޅުކުރައްވަމުން ގެންދެވި ކަންބޮޑުވުމަށް ހައްލު ހޯއްދަވައިދެއްވިކަމެވެ.

ކުރީގެ ބައްދަލުވުންތަކުގައި ލިބިވަޑައިގެންނެވި ހިޔާލުތަކުގެ ތެރެއިން، ގޯތިގެދޮރުގެ މައްސަލައާއި ގުޅޭގޮތުން މިހާރު އޮތް ޝަރުތުތަކުގެ ތެރެއިން، ކުރީގެ ސްކީމްތަކުން 1 ކޮޓަރި ލިބިފައިވާ ފަރާތްތަކަށް މިހާރު ހުޅުވާލާފައިވާ ސްކީމަށް ކުރިމަތިލެވޭގޮތަށް، އުސޫލަށް ބަދަލުގެނެވި، ޝަރުތު ހަމަވާނަމަ އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމަށްފަހު މިހާރު ހުޅުވާލާފައިވާ 3 ކޮޓަރީގެ އެޕާޓްމަންޓަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލެވިފައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތަކާ ގުޅިފައިވާ މަސާޖްޕާލާތަކުގެ މައްސަލައެވެ.

އެފަދަ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތަކީ މީގެ ކުރިންވެސް ޤަވާޢިދުން ކުރެވެމުންދިޔަ ކަމެއްނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު، ވަކީން ހާއްސަ އިސްކަމެއްދެއްވައިގެން ކުރެއްވި މަސައްކަތުން، ހަފްތާއެއްގެ ތެރޭގައި 52 މަސާޖްޕާލާ ބަންދުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި މީގެ ތެރެއިން 24 ތަނަކީ މިހާރު ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން ބަންދުކުރެވުނު ތަންތަން ކަމަށާ، ދެން ހުރި ތަންތަނަކީ، މިވަރުގަދަ އޮޕަރޭޝަން ކުރިއަށްދިއުމާއެކު އެބަޔަކު އަމިއްލައަށް ބަންދުކުރި ތަންތަންކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ މިއާއެކު، މި އޮޕަރޭޝަން އަދިވެސް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފައެވެ.