ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ އަންނަ ރޯދަ މަހުގެ ކުރިން ދައްކައި ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާއެކު ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މި މަސް ނިމެންވާއިރަށް ގިނަ ބިލުތަކަށް ފައިސާ ދައްކައި ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

”ދޭން ހުރި ފައިސާ ވެސް އިރާދަކުރެއްވިއްޔާ، މި ދެންނެވިހެން ފުދޭ ވަރަކަށް ގިނަ ފަރާތްތަކަކަށް މި މަސް ނިމޭއިރަށް، ބާކީ މިއޮތް 15 ދުވަސް ތެރޭގައި، ދެ ހަފުތާއެއްހާ ދުވަސް މިއޮތީ، އިރާދަކުރެއްވިއްޔާ މި ބަލަނީ ޕޭ ކޮށްލެވޭތޯ.“ ރައީސް ވިދާޅުވިއެވެ.

އަދި ހަމައެއާއެކު، ޖެނުއަރީ މަސްތެރޭގައި ބާކީ އެމައުންޓް ވެސް ރޯދަމަހާ ހިސާބަށް ދާންވާއިރަށް ދެއްކޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ސަރުކާރުން ދައްކަންޖެހޭ ބިލުތަކަށް ބަލާފައި، މީރާއަށް ވިޔަފާރިތަކުން ދައްކަން އޮތް ފައިސާއަށް ލުއިތަކެއް ގެނެސްދިނުމަކީ މިހާރު ވެސް ކޮންމެވެސް ވަރަކަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ނަމަވެސް މިހާރަށްވުރެ އެކަން ފުޅާކޮށް، ގިނަ ވިޔަފާރިތަކަށް އެ ލުއިދެވޭނެ ގޮތެއް އޮތްތޯ ބައްލަވައިދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.