ފްލެޓްތަކުގެ ކުއްޔާއި ސަލާމަތީ ކަންކަން ހިމެނޭހެން ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް، އެއީ ވަކިވަކި ފަރުދުންނާ ގުޅިފައިވާ ކަންކަން ނުވަތަ މުޅި މުޖުތަމައުއާ ގުޅިފައިވާ ކަންކަންކަމުގައި ވީ ނަމަވެސް، ވީ އެންމެ ރަނގަޅަކަށް، އަދި އެންމެ ފުރިހަމައަށް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން، ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ، އެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސް މިފަދައިން ޔަގީންކަންދެއްވާ، ވާހަކަފުޅުދައްކަވާފައި މި ވަނީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނާއެކު، ސަލާހުއްދީން ސްކޫލު ހޯލުގައި މިރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ރައްޔިތުން ހިއްސާ ކުރެއްވި ހިޔާލާއި މަޝްވަރާ، އަދި ފާޅުކުރެއްވި ކަންބޮޑުވުންތައް އަޑުއައްސެވުމަށްފަހު ރައްޔިތުންނާ މުހާތަބުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ، އެންމެ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތަކާ ގުޅިފައިވާ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ދާއިރާއަށެވެ.

މީގެ ކުރިން ކަންހިނގާ ދިޔަގޮތުން ހައްލު ނުކުރެވި، ގިނަވެފައި ހުރި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާ ވާހާކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންގެ ދިރިއުޅުން ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުރިއަށްގެންދެވޭނެ މަގު ތަނަވަސްކޮށްދެއްވުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިންނާއި، ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިންވެސް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމުގެ ޔަގީންކަންދެއްވާފައެވެ.

އިޖުތިމާއީ މައްސަލަތަކާއި، އެކިކަހަލަ ބޮޑެތި ކުށްކުށުގެ މައްސަލަ ފޭސް 2 ގައި ބޮޑުވެފައި އޮތް މިންވަރު ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެކަންކަމަށް ހައްލު ހޯދުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ކުރިއަށް އޮތްތަނުގައި ފެންނަ ނަތީޖާ ރަނގަޅުވާނެކަމުގައެވެ.

ފޭސް 2 ގެ ފްލެޓްތަކުގައި ދިރިއުޅުއްވާ ރައްޔިތުންގެ ކަންބޮޑުވުމެއްގެ ގޮތުގައި، ކޯޕަރޭޓިވް ސޮސައިޓީތައް ހެދިފައި ނެތްނެތުން ފާހަގަކުރެއްވިއިރު، އެކަމަށް ނިމުމެއްގެނައުމަށްޓަކައި އެޗްޑީސީއާ ހައުސިން މިނިސްޓްރީން މިހާރުވެސް މަސައްކަތްކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ހިޔާ ފްލެޓްތަކުގެ މިލްކުވެރިންނަށް 2 ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދެއްވުމަށް ވިދާޅުވިކަން ތަކުރާރުކުރައްވަމުން ރައީސް ވަނީ، އެކަން އެގޮތަށް ކުރެއްވުމަށް އެޗްޑީސީއަށް ދަންނަވާފައިވާނެ ކަމަށާ، އެކަމަށްޓަކަައި އެގްރީމަންޓަށް ގެންނަ ބަދަލާއެކު.2 ލައްކަ ރުފިޔާ އުނިކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރޭ ދެއްވާފައެވެ.

ފައިސާ ހަލާސް ނުކުރެވި ހުރި ފަރާތްތަކުގެ ތަފްސީލުތައް ލިބިވަޑައިގެންނެވިހާ އަވަހަށް، އެކަމުގައި ކުރިއަށް ދެވޭނެ ގޮތެއްވެސް ބައްލަވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ކުލީގެ މައްސަލަތަކާ ގުޅިގެން ރައްޔިތުން ފާޅުކުރެއްވި ކަންބޮޑުވުންތައް ސީރިއަސްކަމާއެކު ބައްލަވާދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މަހުން މަހަށް ފައިސާ ދައްކަންޖެހޭ މިންވަރު، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށާ، ރައްޔިތުން އެދިވަޑައިގަތް ގޮތަށް، މަހުން މަހަށް ދައްކަންޖެހޭ މިންވަރާއި، އަގުގެ މައްސަލަވެސް ހައްލުކޮށްދެއްވޭތޯ ބައްލަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓްތައް ލިބިވަޑައިގެންނެވި ފަރާތްތަކުން ފާހަގަކުރެއްވި ކުއްޔާއި އެޑްވާންސްޑް ޝަކުވާތަކަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މިކަންކަމަށް ލުއިގެނެސްދެއްވަން ނިންމަވާފައިވާކަމަށާ، އެގޮތުން މެއިންޓަންސްއާއި ކުލި ހިމެނޭހެން 3 ކޮޓަރީގެ ފްލެޓަކުން މަހުން މަހަށް މިހާރު ދައްކަން އޮތް 10500 ރުފިޔާ، 10000 ރުފިޔާއަށް ކުޑަކޮށްދެއްވާ، އެޑްވާންސްޑް ޕޭމަންޓްގެ ގޮތުގައި ދައްކަން އޮތް 25000 ރުފިޔާ، 8000 ރުފިޔާއަށް ކުޑަކުރެވިގެންދާނެކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

އަދި 2 ކޮޓަރީގެ ފްލެޓްތަކުގެ ކުއްޔަށް ދައްކަންޖެހޭ އަގުން 1000 ރުފިޔާ އުނިކުރެވި މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ މިންވަރު 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކުރައްވާނެކަމުގައި ވިދާޅުވިއެވެ. ހަމަ މިއާއެކު، 2 ކޮޓަރީގެ ފްލެޓްތަކުގެ އެޑްވާންސްޑް ފައިސާގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީވެސް 1 މަހުގެ ކުއްޔަށްވާ ފައިސާ ކަމުގައި ކަނޑައެޅިފައި އޮންނާނެކަމުގައި ވިދާޅުވިއެވެ.

ފޭސް 2 ގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިގެން ބައެއް ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެއްވިއިރު، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ވަރުގަދަކުރުމަށް، އެޗްޑީސީއިން މިހާރުވެސް މަސައްކަތްތަކެއް ފައްޓަވާފައިވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަންކަން، ހަމަ އެގޮތުގައި ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ތަކުރާރުކޮށްދެއްވާފައެވެ.

އަދި ހުރިހާ ރައްޔިތުން ފާހަގަކުރައްވާ ހުރިހާ ކަމަކީވެސް ސީރިއަސްކަމާއެކު ރިއާޔަތްކުރައްވާނެ ކަންކަމުގެ ޔަގީންކަން، އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.