ޗާގޯސް މައްސަލައާ ގުޅިގެން ރާއްޖޭން މިހާރު އަމަލުކުރަން ނިންމާފައިވާ ގޮތުގެ ސަބަބުން ރާއްޖެ އަށް އިޔާދަނުކުރޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޕީއެންސީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު މިއަދު ވިދާޅުވީ މިއީ ރާއްޖެ އަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަކަށްވާތީ ސަރުކާރުން އެކަމަށް ފުރިހަމަ އަށް ޖަވާބުދާރީވާން ޖެހޭނަ ކަމަށެވެ.

އޭނާ ވަނީ މި މައްސަލަ މަޖިލީހަށް ވެސް ވައްދާނެ ކަމަށާއި، މި މައްސަލަ ބޭރުނުކުރުމަށް އެމްޑީޕީ ހުރިހާ މެމްބަރުންނަށް ދާއިރާތަކުގެ ރައްޔިތުން އިލްތިމާސް ކުރުންވެސް މުހިންމުކަން ފާހަގަކުރައްވާފައެވެ.

ޗާގޯސް މައްސަލައާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނީ ޗާގޮސް އާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ ތެރެއިން ބައުންޑަރީ ކަނޑައެޅުމުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅައިގެން އުޅޭ މައްސަލާގައި ރާއްޖޭން އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނެތް ކަމަށެވެ.

އޭޖީ އޮފީހުން ބުނީ ޖަރުމަނުގައި ހުންނަ އިޓްލޮސްގައި މިހާރު ކުރިއަށް ދަނީ ހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައެއް ކަމަށެވެ. އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށާއި މި މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.