ގަވައިދުން ކުލި ނުދައްކާ ހިޔާ ފްލެޓްތަކުގެ ޖޫރިމަނާތައް މާފުކޮށްދީފިއެވެ.

އެޗްޑީސީން ބުނީ، ޖޫރިމަނާތައް މާފުކޮށްދީފައިވާ ކަމަށް ލިޔުމުން ފްލެޓުތަކުުގެ ވެރިންނަށް އަންގަން މި މަހުގެ 16 ވަނަ ދުވަހު ސިޓީތައް ފޮނުވާފައިވާނެ ކަމަށެވެ.

ހިޔާ ފްލެޓުތަކަށް ފައިސާ ދެއްކުމުގައި ސަރުކާރުން ކަނޑައަޅާފައިވާ ލުއިތަކުގެ ދަށުން، 2023 ޑިސެމްބަރުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާ ވާނީ މާފުކޮށްދިންއިރު، ހަމަ އެ އުސޫލުން، ރައްޔިތުންނަށް އިތުރު ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، 2024 ޖެނުއަރީ އެކަކުން ފެށިގެން 30 ނޮވެމްބަރު 2025ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އެޗްޑީސީއަށް ދައްކަންޖެހި ނުދެއްކިވާ ފައިސާވެސް މައާފުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، އެ ކޯޕަރޭޝަނުން ކުލީގެ ޖޫރިމަނާ މާފުކުރި ކަމަށް ފްލެޓްގެ ވެރިންނަށް ފޮނުވި ސިޓީގައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނީ ޖޫރިމަނާ ނުދައްކާ ތިބި ފްލެޓްގެ އަދަދާއި ގަވައިދުން ކުލި ދައްކާ މީހުންގެ ތަފްސީލުތައް މީޑިޔާތަކަށް އަންނަ ހަފުތާގައި ފޯރުކޮށްދިނުމަށް މަސައްކަތްތައް ކުރިޔަށްގެންދާ ކަމަށެވެ.