ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަޝްރޫއުގެ ދުވެލި ހަލުވިކޮށްފައިވާއިރު، 40 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކާ މިހާރު ނިމިފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

ހުޅުމާލެ ފޭސް ތިނެއް ހިއްކުން ހަލުވި ކުރުމަށް އިތުރު ޑްރެޖަރު ގެނެސްގެން މަސައްކަތް ދަނީ ކުރިއަށްދާއިރު، ބޮޑު ސަރަހައްދެއް ހިއްކައި، ފަރުކޮޅުފުއްޓާއި ވަނީ ގުޅުވައިލައިފައެވެ.

އެމްއޭސީއެލްއިން ބުނީ، އެ މަޝްރޫއުގެ ދަށުން، 40 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ.

އަދި 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ 63.5 ޕަސެންޓް ނިމިފައިވާ ކަމަށާއި، 22،000 ސީބީއެމް ކެޕޭސިޓީ ހުރި ޑްރެޖަރ ޕްރިންސް ޑާ ނެޑަލޭންޑެން އަދި އޮރަންޖޭ އިން މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، މިދިޔަ މަހުގެ 10 ގައި ވަނީ އަލުން ފަށައިފައެވެ.

އެ މަސައްކަތް މީގެ ކުރިން މެދުކެނޑިފައިވަނީ އެ މަސައްކަތް ހަވާލުކުރި ކުންފުނި ކަމަށްވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮންޕެނީން އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމުގެ ސަބަބުންނެވެ.