ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކުރާ 298 ކެންޑިޑޭޓުންގެ ނަން އިއުލާންކޮށްފިއެވެ.

ޕީއެންސީން ރޭ ވަނީ އެ ދެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބަލައި ޕްރައިމަރީ ބާއްވަންޖެހޭ އިންތިހާބީ ދާއިރާތަކާއި އެ ދާއިރާތަކުން ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށް އިއުލާނުކޮށްފައެވެ.

މިމަހުގެ 27 ގައި ބާއްވާ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ޖުމުލަ އަދަދަކީ 298 އެވެ.

އޭގެ ތެރެއިން ކައުންސިލުތަކުގެ ޕްރައިމަރީގައި 180 ކެންޑިޑޭޓުން ވާދަކުރާ އިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޕްރައިމަރީގައި 118 ކެންޑިޑޭޓުން ވާދަކުރެއެވެ.

ޕީއެންސީން ނެރުނު އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައި ހޮވިފައިވާ ފަރާތްތަކުގެ މައުލޫމާތު އެ ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ.

ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބީ ދާއިރާތަކުގެ ޕާޓީގެ މެންބަރުންގެ ލިސްޓު، ޕާޓީގެ ޕޯޓަލް މެދުވެރިކޮށް އެ ދާއިރާއަކުން ވާދަކުރާ ކެންޑިޑޭޓަކަށް ލިބޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާނެ ކަމަށް ޕީއެންސީން ބުންޏެވެ.

ޕީއެންސީގެ އިއުލާނުގައި އިތުރަށް ބުނީ ޕްރައިމަރީއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ޕާޓީ އޮފީހަށް ފޮނުވާނީ އިންތިހާބީ ޝަކުވާ ހުށަހެޅުމަށް ހާއްސަކޮށްފައިވާ ނަންބަރު، 9323686 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ކަމަށެވެ.