ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ދެނެގަތުމަށް މާލޭގެ 12 ތަނެއް އިމިގްރޭޝަނުން ބަލައިފާސްކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން، ހޯމަ ދުވަހު ވަނީ މާލޭގައި ހިންގަމުންދިޔަ 12 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު، މިކަން ހައްލު ކުރުމަށްޓަކައި، އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އޮޕަރޭޝަންތައް ހިންގަމުންނެވެ.

އިމިގްރޭޝަނުން މި އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.

އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.