ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ސައީދަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވީ މިދިޔަ ސެޕްޓެންބަރު މަހުގެ 28 ގައެވެ.
އެ ހުކުމް އިސްތިއުނާފު ކުރަން ސައީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް، މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.
ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެފައި ވަނީ، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި، އެއްވެސް މަސައްކަތެއް ނުކުރަނީސް ފައިސާ ދޫކުރި މައްސަލައިގައެވެ.
ދައުލަތުން އޭނާ އާއި ފެނަކައިގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ސާލިހުގެ މައްޗަށް ދައުވާ އުފުލީ 2018 ގައި ހިންގި މުއާމަލާތަކާ ގުޅިގެންނެވެ.
ސައީދުގެ މައްސަލަ ނިމި ހުކުމް އިއްވި ނަމަވެސް، ދީނާގެ މައްސަލަ އޮތީ ކޯޓްގައި މަޑުޖެހިފައެވެ.

