ސްކޫލް ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން ހިންގާ ސިލްސިލާ އޮޕަރޭޝަން ”ރިވެލި“ މިރޭ ފަށަން ނިންމައިފިއެވެ.
ދިރާސީ އަހަރުގެ ފަހު ޓާމް ސްކޫލްތައް ބަންދު ވާނީ މާދަމާ އިން ފެށިގެންނެވެ. ”ރިވެލި“ އަކީ މިދުވަސްވަރު ކުށް ކުރުން ގިނަވާތީ، އެކަން މަދު ކުރުމަށް ފަށާ ހާއްސަ އޮޕަރޭޝަނެކެވެ.
މާލޭ ސަރަޙައްދުގެ ފުލުހުންގެ މަސައްކަތްތަކާ ގުޅޭ ގޮތުން އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު ޢަބްދުﷲ ޝަރީފް ވިދާޅު ”ރިވެލި“ އޮޕަރޭޝަން މާލެ ސަރަހައްދުގެ އިތުރުން، ކައިރި ރަށްތަކާއި ރިސޯޓުތަކުގައިވެ ސް ކުރިއަށް ގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ބޮޑު ޗުއްޓީއާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ކުށްވެރިންގެ އަދަދާއި ކުށްތައް ގިނަވާ ކަމަށެވެ.
ޗުއްޓީ ދުވަސްވަރަކީ އެކި ކަންކަމަށް މާލެއިން މީހުން އެކި ތަންތަނަކަށް ދަތުރުކުރާ، އަދި މާލެއަށް ވެސް ގިނަ ބަޔަކު ދަތުުރުކުރާ ދުވަސްވަރަކަށްވާތީ ފުރައިގެންދާ އިރު، އަގުބޮޑު ތަކެތި ގޭގައި ނުބެހެއްޓުމާއި، ގޯތި ގެދޮރުގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވޭތޯ ޔަގީންކުރުމާއި ގެ ބެލެހެއްޓުމަށް އިތުބާ ރުކުރެވޭ މީހަކާ ހަވާލުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
އަދި ޗުއްޓީގައި އުޅެނިކޮށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތާއި، ފުރުމުގެ ކުރިން އަމިއްލަ ސައިކަލު ފަދަ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ހަރަކާތްތެރިވާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ ރައްކާތެރި ސަރަހައްދެއްގައި ޕާކުކޮށްފައި ބެހެއްޓުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

