ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނީ ޝަމްއާންގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ކުޑަވެފައިވާ ކަމަށް ފެންނާތީ، ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުމުން އެގޮތަށް މިއަދު ނިންމާފައިވާ ކަމަށެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މި އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މި އަހަރުގެ މާޗު 23 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ޝަމްއާންގެ ފަރާތުން ބަންދުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް މިއަހަރުގެ މާޗް މަހުގެ 28 ގައި ނިންމި ނަމަވެސް ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ.
މައްސަލަ ބެލުމަށްފަހު ހައިކޯޓުންވެސް ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.

