ޒުވާނުންގެ މެދުގައި އޮތް މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށްތަކާއި ޖިނާޢީކުށްތަކަށް އަރައިގަންނަ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ އިނާމް ދިނުމަށް ރޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ރައީސް ސޯލިހުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ވަޒީރުންނާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ވަނީ، މިޖަލްސާގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ހުށައެޅުއްވި، ދިރާސާގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިގޮތުން، އެދިރާސާގައި ޒުވާނުންނާ ބެހޭ ގޮތުން ޙައްލު ހޯދަންޖެހިފައިވާ ވަރަށް ގިނަ ކަންތައް ފާހަގަކުރައްވާފައިވާ ކަމުގައި، ރައީސް ސޯލިހު ވިދާޅުވިއެވެ.

މި މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި ވިދާޅުވީ، އެދިރާސާގައި ފާހަގަކޮށްފައިވާ މުހިއްމު ދެމައްސަލައިގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށްތަކާއި ޖިނާޢީކުށްތަކަށް ޒުވާނުން އަރައިގަންނަ މައްސަލައަކީ، އިޖްތިމާޢީ އެތައް ކަމަކާ ގުޅިފައިވާ، ވަށައިޖެހޭ ޙައްލަކަށް ބޭނުންވާ ދެ މައްސަލަކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، މަސްތުވާތަކެތިން ދިވެހި ރައްޔިތުން ދުރުކުރުމަށް ވެސް ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށްޓަވައިފައި ކަމަށެވެ. އަދި ގޭންގު ކުށްތަކާ ދެކޮޅަށް ވެސް ވަރަށް ރޭވުންތެރިކަމާއެކު ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ދެ މައްސަލައަށް މަގުފަހިކުރާ ކަންކަމުގެ ތެރޭގައި މަތީ ތަޢުލީމުގެ ފުރުސަތުތައް މަދުވުމާއި، ވަޒީފާގެ ފުރުޞަތުތައް މަދުވުން ހިމެނޭ ކަމަށެވެ.

އެހެންވެ، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ މަގު ފަހިކޮށްދެއްވުމާއި، ސަރުކާރުގެ ކުންފުނިތައް މެދުވެރިވެގެން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ، ސަރުކާރުން އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށާއި، އެފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ސޯލިހު ވަނީ، ޒުވާނުންނަކީ، ނަފްސާނީ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.