ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހިންގާނީ ދިވެހީން ކަމަށާއި، އެއްވެސް އެއާޕޯޓެއް ހިންގުމަށް ބޭރުގެ ބަޔަކާއި ހަވާލު ނުކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށާއި ބައިނަލްއަގްވާމީ ދަތުރުތަކަށް ބޭނުންކުރާ ހުރިހާ އެއާޕޯޓެއްވެސް އޮޕަރޭޓު ކުރަނީ މޯލްޑީވްސް ސިވިލް އޭވިއޭޝަނުން ޙުއްދަ ދީފައިވާ ރާއްޖޭގެ ކުންފުނިތަކުން ކަމަށެވެ.

އަމީން އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ބޭރުގެ ފަރާތަކަށް އޮޕަރޭޓުކުރަން ދިނުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށާއި، އެކަން ކުރާނީ ދިވެހި ކުންފުނިތަކުން ކަމުގައެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ ކުންފުންޏެއް ހަވާލުވެ ދިނުމަށް ރާއްޖޭން އެދިފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ.