ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ”ރިއެކްޓް“ ކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

Ads by Asuru

ޣައްސާން އިއްޔެ ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައިވާއިރު، މިއީ ޗާގޮސް ރަށްތަކުގެ ސިޔާދަތީ ބާރާ މެދު މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އޮތް މައްސަލައިގައި، އދ.ގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނުމަށް ރާއްޖެއިން ނިންމާފައިވާ ދަނޑިވަޅެކެވެ.

ޣައްސާން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރަހައްދުން ބައެއް ދީލާ ނުލެވޭނެ ކަމަށާއި، ގައުމީ މަސްލަހަތު އިސް ކުރަން ޖެހޭ ކަަމަށެވެ.

”ރައްޔިތުން ހާސްކަމެއްގަ. ރިއެކްޓް ކޮށްލަ ދެއްވުން، އަދަބުވެރިކަމާއެކު އެދެން.“ ޣައްސާން ވިދާޅުވިއެވެ.

އދ.ގައި އިނިގިރޭސިވިލާތުގެ ބަދަލުގައި މޮރިޝަސްއަށް ތާއީދުކުރަން ނިންމިކަން ސަރުކާރުން ހާމަކުރީ ރާއްޖޭގެ ދެކުނުން ޗާގޮސްއާ ދެމެދު މޮރިޝަސް އާއި ރާއްޖޭގެ އިން ކަނޑައެޅުމަށް، ކަމާބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) ގައި މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއްގައެވެ.

މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އޮތް މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ބަދަލުވުމުން ޓްރައިބިއުނަލްގައި ރާއްޖެއަށް ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މިކަމާ ގުޅޭގޮތުން ރައީސް ސޯލިހު ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ ”ސްޓޭންޑް“ ކުއްލިއަކަށް ބަދަލުވުން ދިފާއުކޮށް، ރައީސް އޮފީހުން އިއްޔެ ވަނީ ނޫސްވެރިންނާ ބައްދަލުވެސް ކޮށްފައެވެ. އަދި ފޮރިން މިނިސްޓްރީން ރޭ ދަންވަރުގެ ވަގުތެއްގައި ބަޔާނެއްވެސް ނެރުނެވެ.