ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި ވަނިކޮށް، މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.
މާދަމާގެ ޖަލްސާއަކީ ދައުރުން ބޭރުން ބާއްވާ ޖަލްސާއެކެވެ.
މި ޖަލްސާއަށް ފުރަތަމަ އެޖެންޑާކޮށްފައި ވަނީ، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ފައިވާ މައްސަލަ ދިރާސާ ކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
އެއަށް ފަހު މަޖިލީހަށް ތައާރަފްކުރާ ދެ ބިލް ކަމަށްވާ، ސަރުކާރުގެ ފަރާތުނ،ް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު މަޖިލީހަށް ހުށަހަޅުއްވާ، ގާނޫނުލް އުގޫބާތައް އިސްލާހު ގެނައުމުގެ ބިލާއި، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހަޅުއްވާ ފެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުން އެޖެންޑާގައި ހިމެނެއެވެ.
މީގެ އިތުރުން ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުންވެސް ހިމެނެއެވެ.
އެއަށްފަހު މި ބިލްތަކުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
މަޖިލިސް އަހަރީ ޗުއްޓީއަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

