މާލޭ ގެއަކުން ވަގަށް އަނބު ބިން މީހަކު ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅުނު އެ މައްސަލައަކީ 6 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ 3:05 އެހާކަންހާއިރު މާލޭ، ލިލީމަގުގައި ހުންނަ ކ. ކޮންޒުދޮށުގޭގެ ތެރޭގައި ހުރި އަނބު ގަހަކުން، ކ.ދިއްފުށި، ހިޔަލީގެ، އަހުމަދު ނަސީރު ކިޔާ މީހަކު 127 އަނބު ބިދެފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި އޭނާ ހައްޔަރުކޮށް، އޭނާގެ މައްޗަށް އުފުލާފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއާއި އެނގިހުރ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފައެވެ. އެހެން ކަމުން މި މައްސަލައިގައި ވަނީ އަވަސް ނިޔާގެ އަޑުއެހުން ބާއްވާފައެވެ.
ވައްކަން ކުރުމުގެ ދައުވާއާއި ގުޅިގެން އޭނާގެ މައްޗަށް ގާޒީ އިބްރާހިމް އިހުސާން އިއްވާފައިވަނީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ނަމަވެސް ބަންދުގައި އޭނާ 9 ގަޑިއިރާއި 42 މިނެޓް ހޭދަކޮށްފައިވާތީ، އެއީ 1 ދުވަސް ކަމަށް ބަލައި، ޖުމްލަ ހުކުމުން 1 ދުވަސް އުނިކޮށް ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބަކީ 4 މަހާއި 23 ދުވަސް ކަމަށް ވަނީ ހުކުމްކޮށްފައެވެ.

