ޗާގޮސް އައިލެންޑްސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ތާއިދުކުރަން ނިންމީ އިންޑިއާގެ ނުފޫޒުން ނޫން ކަމަށް، އަބަދުވެސް އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ މި ސަރުކާރުން ބުނެފިއެެވެ.

Ads by Asuru

ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު އިއްޔެ ވަނީ ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމީ އިންޑިއާގެ ނުފޫޒުން ކަމަށް ތުހުމަތުކުރައްވައިފައެވެ.

ޑރ.މުނައްވަރުގެ ވާހަކަަތަކަށް ރައްދު ދެއްވައި، ރޭ ރައީސް އޮފީހުން ކުއްލި ގޮތަކަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، މީގެ ކުރިން އިނގިރޭސިވިލާތާ އެއްކޮޅަށް ރާއްޖެއިން ދެމުން އައި ވޯޓު މޮރީޝަސް ކޮޅަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީ ސަރުކާރުގެ އަމިއްލަ ނިންމުމެއް ކަމަށެވެ.

އަދި އެ ސްޓޭންޑުގައި އެއްވެސް ގައުމެއްގެ އެއްވެސް ނުފޫޒެ ނޯންނާނެ ކަމަށާއި، އެއީ ހަމަ ސީދާ ދިވެހި ސަރުކާރުގެ ސްޓޭންޑެއް ކަމަށްވެސް ވިދާޅުވިއެވެ. އިންޑިއާ އަދި އެހެން ގައުމެއްގެ ނުފޫޒެއް ވެސް ނޯންނާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖެ އާއި މޮރިޝަސްގެ ބޯޑަރުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާ ގޮތަކުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ ކަމަށާއި ދެ ގައުމަށް އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ދެ ގައުމުގެ އިގްތިސާދީ ސަރަހައްދު ފުށުއަރާ ހިސާބު ބަހާނެ ގޮތަކާ މެދުގައި ކަމަށް މި މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމްގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަހަވަން ރޭ ވަނީ ވިދާޅުވެފައެވެ.

ޗާގޯސް އައިލެންޑްސްއަކީ މޮރީޝަސްގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ގައުމެއް ނޫން ކަމަށް ބައިނަލްއަގުވާމީ ކޯޓެއްގައި ރާއްޖެއިން ވަކާލާތު ކުރަމުން ދަނިކޮށް އެއާ ދިމާ އިދިކޮޅަށް ޗާގޯސް އައިލެންޑްސް އަކީ މޮރީޝަސްގެ ބައެއް ކަމަށް ގަބޫލުކޮށް އެ ގައުމުގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުހައްމަދު ސިޓީފުޅު ފޮނުއްވިއިރު، މިކަމަށް އެމްޑީޕީގެ މެމްބަރުންވެސް ހިމެނޭހެން، ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.