ފަރުޟު ފަސް ނަމާދަކީ ދީނުގެ ތަނބު ކަމަށާއި، ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމަކަށްވުމަށްފަހުގައި، އެންމެ ބޮޑަށް މުސްލިމަކު އިސްކަން ދޭން ޖެހޭނެ އަޅުކަމަކީވެސް އެއީ ކަމުގައި އަންގަވާފައިވެއެެވެ.

Ads by Asuru

ނަމަވެސް ނަމާދު އެޅުމުގެ ނުބައި އާދަ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ ކިބައިގައި ހުންނަ ކަމީ ހިތާމައާއެކީގައި ފާހަގަކުރަން ޖެހޭ ކަމެކެވެ. ޝެއިޚް އާސިމް އަލް ހަކީމްއާ މީހަކު ސުވާލު ކުރިއެވެ. ގަސްތުގައި އެތައް ނަމާދެއް އެޅުނު މީހަކު ހަދާނީ ކިހިނެއް ހެއްޔެވެެ؟ އެ ހުރިހައި ނަމާދެއްވެސް އެމީހަކު ކުރަން ޖެހޭނެތޯއެވެ؟

މި ސުވާލަށް ދެއްވި ޖަވާބުގެ ތެރެއިން، ޝެއިޚު ވަނީ، ނިދުމުގެ ސަބަބުން، ނުވަތަ ނަމާދު އޭގެ ވަގުތުގައި ކުރަން ހަނދާން ނެތިއްޖެނަމަ، ހަނދާންވިހާ އަވަހަށް އެ ނަމާދެއް ކުރަން މާތް ރަސޫލާ (ސ.އ.ވ) އަންގަވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހަނދާންވާއިރަށް، އެ ނަމާދު ނުކުރުމަށް ދެއްކޭނެ އެއްވެސް އުޒުރެއްވެސް ނެތްކަން ޝެއިޚްގެ ވާހަކަފުޅުގައި ހަނދުމަ ކޮށްދެއްވިއެވެ.

ޝެއިޚް ވިދާޅުވީ ހަނދާން ހުރެމެ، ގަސްތުގައި ނަމާދު އެޅި މީހަކު، އެ ނަމާދެއްގެ ވަގުތު ފާއިތުވެގެންދާ ފަހުން، ނަމާދު ކުރެވޭނެ ގޮތެއް، ނުވަތަ ”ގަޟާ“ ކުރުމެއް ނޯންނަ ކަމުގައެވެ. އެއީ ނަމާދު ނުކުރެވެން އޮންނަ ހަމައެކަނި ދެ އުޒުރަކީ ނިދުމާއި ހަނދާން ނެތުން ކަމުގައިވާތީ ކަމަށްވެސް ޝެއިޚު ވިދާޅުވިއެވެ.

ޝެއިޚު ވިދާޅުވީ ކުރިން އެތައް ނަމާދެއް އަޅާފައިވާ މީހަކު ނަމަ، ފާފަ ފުއްސެވުން އެދި އަބަދުވެސް ދުއާ ކުރުމާއި، ފަރުޟު ފަސް ނަމާދަށް ރައްކާތެރި ވުމުގެ އިތުރުން، ދެން ކުރެވިދާނެ ކަމަކީ ޟުހާ ނަމާދާއި ދަމު ނަމާދާއި އަދި ދެންވެސް ހުރި ސުންނަތް ނަމާދުތަކާއި، ރަވާތިބު ސުންނަތްތައް ކުރުން ކަމަށެވެ.