ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފޯޅަވައްސަކީ މި ވަގުތު އެއްވެސް ގައުމުގެ ތަނަކަށް ނުވާ އިރު، އެތަން ބަލަހައްޓަނީ އިނގިރޭސީން ކަމަށެވެ. އަދި އެއީ ވަކި ބައެއްގެ ތަނެއް ނޫން ކަމަށާއި، ފޯޅަވައްސަކީ ޗާގޯސް އަތޮޅުތަކުގެ ތެރެއިން އަތޮޅެއް. ޔޫރަޕް މީހުން އެތަނަށް ކިޔަން ފެށީ ޕެރޯސް ބެންހޯސްގެ ނަމުން ކަމަށެވެ.

”އިހު ޒަމާނުގައި ފޯޅަވަހި އެއީ މީހުން ދިރިއުޅޭ ތިޔާގި ރަށެއް.“

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ 1500 ގެ އަހަރުތަކަށް ފަހު ކުރަހަމުން އައި ރާއްޖޭގެ ޗާޓްތަކުގައި އައްޑޫގެ ދެކުނަށް އެވާ އަތޮޅަކީ ފޯޅަވައްސެވެ. އަދި 1560 ވަނަ އަހަރު ނުވަ ހަސަން ރަސްގެފާނުގެ ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި ފޯޅަވަހީގެ ހަތް ރަށެއް އެއީ ރާއްޖޭގެ ރަށްތަކެކެވެ.

”ދިވެހި ނެވިން ރާއްޖޭގެ ސަރަހައްދު ބަޔާންކުރަނީ [ވެސް] ފޯޅަވައްސާއެކީ،“ ނަޝީދު ވިދާޅުވި އެވެ. ”ފޯޅަވަހި އެއީ ރާއްޖޭގެ ރަށެއް ކަމަށް ބުނުމަށް ކިތަންމެ ތާރީހީ އަދި ސަގާފީ ގުޅުމުގެ ހެކި އެބަހުރި.“

ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި އދ އިން ފާސްކުރި ގަރާރާ ދެކޮޅަށް މީގެ ކުރިން ރާއްޖެން ވޯޓު ދިން ނަމަވެސް އެ ނިންމުން ކުއްލިއަކަށް ބަދަލުކުރުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.