ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަކީ ތަރައްގީ އަވަސްވެ، ހަލުވި ވެގެންދާނެ އެންމެ މޮޅު ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޕާޓީ، ޕީއެންސީން ލޯކަލް ކައުންސިލް އިންތިހާބްގަ ވާދަ ކުރާ ކެންޑިޑޭޓުންނާ ޑަބްލިއުޑީސީއަށް ވާދަކުރާ ކެންޑިޑޭޓުންނާ ސިޓީތަކުގެ މޭޔަރުންނާ ސިޓީތަކުގެ ޑަބްލިއުޑީސީގެ ރައީސާއިންގެ ކެންޑިޑޭޓުންނަށް ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން ވޯޓުދީ ހޮއްވަވައި ދެއްވަންޖޭ އެތަކެއް ސަބަބުތަކެއް އެބަހުރި ކަމަށެވެ.
ރައްޔިތުން ބޭނުންވާ މަގަށް، ރައްޔިތުންގެ ގާތުން ހިދުމަތް ދިނުމާއެކު ތަރައްގީގެ އެންމެހާ މަޝްރޫއުތައް ހިންގުމަށް އުފެދިގެންދާ ގާނޫނީގޮތުން ބޮޑެތި ބާރުތަކެއް ކައުންސިލްތަކައް ލިބިގެންދާ ހިނދު ސަރުކާރާ އިދިކީލި ބޭފުޅުންތަކެއް ކައުންސިލްތަކަށް ހޮވިއްޖެނަމަ ވެގެންދާނެގޮތް ރައްޔިތުންނަށް އޮޅިފައިނުވާނެ ކަމަށް މުހައްމަދު ވިދާޅުވިއެވެ.
”ޑިމޮކްރަސީގެ ހަޔާތުގަ ފާއިތުވެދިޔަ ވެރިކަންތަކާ އިދިކީލި ނުވަތަ ވެރިކަންކުރާ ޕާޓީއާ ދެކޮޅު ކައުންސިލްތަކުން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށްވުރެ، އިސްކަން ދީފަހުރީ ސަރުކާރަށް ކަނޑައެޅިގެން ސިއްރާ ފާޅުގައި ޖެއްސުންކޮށް، އެ ކައުންސިލްގެ މެޖޯރިޓީ އޮންނަ ޕާޓީން އަންގަވާ ގޮތަށް ކަންކަން ނިންމުމަށް. އިސްވެ މިދެންނެވުނު ގޮތަށް ކަންކަން ކުރާނެކަމުގެ ބިރުވެރި ރަނގަބީލުގެ އަޑުފައްގަނޑު ގަދަވެ ގުގުމަމުންދާތީ.“ އޭނާ ވިދާޅުވިއެވެ.
އަންނަ އޭޕްރީލްމަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަށް އޭނާ ވަނީ ރައްޔިތުންގެ އަރިހުން އިލްތިމާސް ކުރައްވައިފައެވެ.

