އެމަނިކުފާނަކީ ސިޔާސީ މަންފާއެއް ހާސިލު ކުރެއްވުމަށްޓަކައި ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުންނެކޭ އެއްފަދައިން، ރައްޔިތުންނަށް އޮޅޭނެ ގޮތަށް، ދޮގު ވާހަކަތައް ދައްކަވާނެ ބޭފުޅެއް ނޫން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ނ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، މިއަދު އެއަތޮޅު ކެނދިކުޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ޕީޕީއެމުން ކުރަނީ ގައުމީ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގައުމީ ފިކުރުގައި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކުގެ ވާހަކަ ދައްކަނީ ޕީޕީއެމް އެކަންޏެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންނަށް އޮޅުވާލުމަަށް ދޮގު ވާހަކަތައް ދައްކަވާ ބޭފުޅެއް ނޫން ކަމަށާއި، އެކަން ކުރަން ވެއްޖެނަމަ، އެމަނިކުފާނު ސިޔާސީ މަސައްކަތްތަކުގައި ނުހުންނަވާނެ ކަމުގައެވެ. އަދި އެމަނިކުފާނާ، ރާއްޖޭގެ އެހެން ސިޔާސީ ލީޑަރުންނާ ހުރި އެންމެ ބޮޑު ތަފާތަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން، ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލިގެންދާކަން ފާހަގަކުރެއްވިއެވެ.
”މި ސަރުކާރުގެ ޝަރަފެއް ނެތް، ދިވެހި ދިދައިގެ ކަރާމާތެއް ނެތް. ދިވެހި ރައްޔިތުން ދިރިއުޅޭކަށް، މިނިވަން ޖައްވަކަށް ނޭވާލާނެ ވައެއް އަޅުގަނޑުމެންގެ، ދައުރު ކުރާ ވައެއް ނުފެނޭ.“
ރައީސް ޔާމީން ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމާއި، އެމީހުން ތިބީވެސް ހަތިޔާރާއެކުގައި ކަމަށް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅު މިއަދުވެސް ތަކުރާރު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ވަކި ފެންވަރެއްގެ ހަތިޔާރެއް ގެންގުޅެން، އިންޑިއާ ސިފައިން އެއްވެސް ހުއްދައެއް ނަގަން ނުޖެހޭ ކަަމަށެވެ.
”އެމީހުންގެ އަސްކަރީ މަނަވަރުތައް ރާއްޖެއަށް އަންނާކަށް ހުއްދަ ނަގާކަށް ނުޖެހޭ. އެކަމަކު، މިއީ ދިވެހިރާއްޖޭގަ، މާޒީގަ ކަންކަން ހިނގާފަ ހުރި ގޮތެއް ނޫން. ގަބޫލު ކުރައްވާ! ދިވެހިރާއްޖޭގެ އެތައް ބިމެއް މިއޮތީ ދޫކޮށްލާފަ.“
ރާއްޖޭގެ އުތުރުގެ އެއާޕޯޓްތަކަށް އިންޑިއާގެ ހެލިކޮޕްޓަރުތައް ބޭނުން އިރަކު ޖެއްސުމަށް ބާރު އޮންނަކަން ފާހަގަކުރައްވައި ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނު މިވާހަކަފުޅުތައް ދައްކަވަނީ، ކަންބޮޑުވެވަޑައިގަންނަވާ ހާލުގައި ކަމަށާއި، މިއީ ސިޔާސީ ވާހަކަފުޅުތަކެއް ނޫން ކަމުގައެވެ.
ދޮގު މިބަސްކިޔަންވެސް ނުދަ ނެ ދެއްތޯ