ލޯކަލް ކައުންސިލް އިންތިހާބުގައި، ސަރުކާރާ އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓުދީ، ތަރައްގީ ލަސްކުރުމުގެ ފުރުސަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ޕީއެންސީގެ ހަރުގޭގައި މިއަދު ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”ރައްޔިތުންނަށް ސަރުކާރުން ކޮށްދެމުންދާ ކަންކަމަށް ހުރަސްތައް ކުރިމަތި ކުރުވައި ހަމަނުޖެހުން އުފައްދައި ތަރައްޤީ މަޑުޖައްސާލަން ޖާގަ ދިނުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއްނޫން.“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަން އެހީތެރިވެދޭނެ ސިޓީ ކައުންސިލެއް އޮންނަން ޖެހޭ ކަމަށާއި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް މޭޖާ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލު ނެރުއްވީ، މާލޭގެ ކުރިއެރުމާއި ތަރައްގީ އެންމެ ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ލޯކަލް ކައުންސިލްތަކަށް ހޮވަން ޖެހޭނީ ސަރުކާރަށް އެއްބާރުލުންދޭ، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްހޫރުތަކަށް އެހީތެރިވެދޭ ކައުންސިލަރުން ކަމަށެވެ.
”ސިޔާސީ ސަކަރާތް ޖެހުމާއި ސިޔާސީ ޖަގަޑާ ހެދުމާއި އެކި ކަހަލަ ގޮތް ގޮތުން ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް ހުރަސްތަކެއް ފުރުސަތުތައް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ނުދެއްވާށޭ،“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވާނެ ކަމަށާއި، އެންމެ ބޮޑު ވައުދުކަމުގައިވާ ބޯހިޔާވަހިކަމުގެ ވައުދުވެސް ފުދެމުން އަންނަ ކަމަށެވެ.

