ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ނުހޮވައިފިނަމަ، ރައްޔިތުންނަށް ގެއްލުންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، ރެޔާއި ދުވާލު މަސައްކަތްކުރައްވަމުންދާ ވެރިޔަކާ އެކީގައި މަސައްކަތްކުރާނެ ކައުންސިލަރުންތަކަކާއި ޑަބްލިޔުޑީސީއެއް އަދި މޭޔަރެއް ހުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށާއި، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމުގެ ވިސްނުމުގައި އަންނަ ނަމަ، ރައްޔިތުންނަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށެވެ.
”އިޖުތިމާއީ އެތައް ގޮންޖެހުންތަކެއް އޮތް ގައުމެއްގައި ވަރަށް އުނދަގޫ ނިންމުންތަކެއް ނިންމަވަމުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ އިރު، އެ ސަރުކާރަކަށް އަޅުގަނޑުމެން އެއްބާރުލުންދޭނެ ބަޔަކު ނުހޮވައިފި ނަމަ، އޭގެ ގެއްލުން އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް ކުރާނެ. އެއީ ހަމަ ޔަގީން ވެސް ކަމެއް،“ ފަސްޓް ލޭޑީ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވި ގޮތުގައި، ސަރުކާރު ދަނީ ރަނގަޅު ސިޔާސަތަކަށްކަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެބަ އެނގެއެވެ.
ސިޔާސީގޮތުން ބެލި ކަމުގައިވިޔަސް، ރައްޔިތުން ބޭނުންވަނީ ރަނގަޅު، ކިޔަވައިގެން ތިބި ރާއްޖޭގައި ރަނގަޅަށް މަސައްކަތްކުރެވޭނެ ސިޔާސީ ބައެއް ނުކުތުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.


މީތަ ގައުމުގެ ވެރިއަކީ