Ads by Asuru

މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ޕާކާއި ގުޅޭގޮތުން ޚިޔާލު ހޯއްދެއްވުމަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު އަދި ގަލޮޅު ތަމްސީލް ކުރައްވާ ކައުންސިލަރުން މާލެ ސިޓީގެ ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމަށްޓަކައި މީގެ ކުރިންވެސް ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ގަލޮޅުގެ ގިނަ ރައްޔިތުން އެދިފައިވަނީ ގަލޮޅުގައި ހިތްފަސޭހަ ކޮށްލާނެ މައިޒާނެއް ނެތުމުގެ ސަބަބުން ސިޓީ ޕާކު ބިމުގައި ޕާކެއް ތަރައްޤީ ކޮއްދިނުމަށެވެ.

ގަލޮޅުގައި ތަރައްޤީކުރާ ޕާކާއި ގުޅޭގޮތުން ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން.

މި ބައްދަލުވުމުގައި ގަލޮޅުގައި ތަރައްގީ ކުރާ ޕާކާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ގަލޮޅު ޞަލާޙުއްދީން މިސްކިތް ކައިރީގައިވާ ޕާރކްގެ 3ޑީ ރެންޑަރިންގް ޕްރެސެންޓޭޝަން އާއި ކޮންސެޕްޓް ޑިޒައިންއާއި ގުޅޭ ގޮތުން އަންގާރަ ދުވަހުގެ ރޭގައި ބެއްވުނު ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ގަލޮޅުގެ ގިނަ ރައްޔިތުން ވަނީ ތަފާތު އެކި ޚިޔާލުތައް ހުށަހަޅުއްވާފައެވެ.

ގަލޮޅުގައި ތަރައްޤީކުރާ ޕާކާއި ގުޅޭގޮތުން ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން.

މި ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ މި ޕާކް ތަރައްޤީކުރުމަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށާއި، އެހެންކަމުން އެކަމަށްޓަކައި ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ ވިދާޅުވީ މިފަދަ މަޝްވަރާތައް ބައެއް ކުންފުނިތަކާއިއެކު ނުރަސްމީކޮށް ކުރެވިފައިވާކަމަށެވެ.

ގަލޮޅުގައި ތަރައްޤީކުރާ ޕާކާއި ގުޅޭގޮތުން ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން.

މާލެ ސިޓީ ކައުންސިލުން ތަރައްޤީ ކުރާ ޕާކަކީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުން ނުލިބޭ ގޮތަށް ތަރައްޤީ ކުރާނެ ޕާކެކެވެ. އެ ޕާކުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތަރައްޤީ ކުރާ ”ޕްލޭ އޭރިއާ“ގައި އެންމެ ތުއްތު ކުދިންނަށް ޚާއްޞަ ބަޔަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް އެކުލެވިގެންވާނެއެވެ. އަދި މި ދެބައިގައި ބަހައްޓާ ކުޅޭ ތަކެތި ހުންނާނީ ”ޓްރީ ހައުސް ތީމް“ އަށެވެ. މީގެ އިތުރުން ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ހިތްހަމަޖައްސާލާނެ ފުރުސަތެއް ތަނަވަސްކޮށް ދިނުމުގެ ގޮތުން، ފުރޮޅުލީ ގޮނޑިއާއެކު އެރޭނެ ފަދަ އުނދޯއްޔެއް ބަހައްޓާފައިވާނެއެވެ.

ގަލޮޅުގައި ތަރައްޤީކުރާ ޕާކާއި ގުޅޭގޮތުން ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން.

މި ބައްދަލުވުން ބާއްވާފައިވަނީ ޕާކު ތަރައްގީ ކުރުމަށް ނިންމާފައިވާ ގަލޮޅު ސިޓީ ޕާކުގައެވެ.