ދީނީ އަގީދާގެ ސަބަބުން ދިވެހިންގެ މެދުގައި އުފެދިފައި އޮތް އެއްބައިވަންތަކަމަކީ ދިވެހިންގެ މިނިވަންކަމާއި ގައުމީ ސިޔާދަތު ދިފާޢުކޮށްދޭ އެންމެ ވަރުގަދަ އައްޑަނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ސޯލިހު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އިސްލާމްދީން ގެނެސްދިން ރިވެތި ސިފަތަކާއި ހަމަތަކުގެ މަތީގައި ސާބިތުވެ ތިބުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރެއްވިއެވެ.

އަދި އިސްލާމް ދީނަކީ ސުލްހަޔާއި ހަމަޖެހުމާއި އެކުވެރިކަމުގެ ދީންކަން ފާހަގަކުރައްވައި އެސިފަތައް މުޖްތަމަޢުގައި ދެމެހެއްޓުމަށްޓަކައި ކޮންމެ ކަމެއްގައި ވެސް ތެދު ބަހުން ވާހަކަ ދެއްކުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ހަމަ އެހެންމެ، ކަންކަމުގެ ހަގީގަތް އެނގި ތިބެ، މަސްލަހަތު ނަގައިލުމަށްޓަކައި އޮޅުވާލައިގެން ވާހަކަ ނުދެއްކުމަށް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ހާއްސަ ގޮތެއްގައި އިލްތިމާސްކުރެއްވިއެވެ.