ށ. ފުނަދޫގައި ގާއިމު ކުރާ އެއާ ސްޓޭޝަނުގެ ހިދުމަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ވައިގެ މަގުން ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމާއި، ދިފާއީ ކަންކަން ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ފުނަދޫގައި ގާއިމު ކުރާ އެއާ ސްޓޭޝަނަކީ ރާއްޖޭގެ ދިފާއީ ނިޒާމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ ތެރޭގައި އެ ސްޓޭޝަނުން ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.
ރިޔާސީ ބަޔާނުގައި ރައީސް އިތުރަށް ވިދާޅުވީ ގައުމުގެ ދިފާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު ކުރިއެރުންތަކެއް ހޯދިފައިވާއިރު، ކޯސްޓްގާޑުގެ ހިދުމަތް މިހާރަށްވުރެ ދެގުނަ ވަރުގަދަ ކުރުމުގެ އަމަލީ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
އެގޮތުން ތުރުކީން ރާއްޖެއަށް ހަދިޔާކޮށްފައިވާ އެންމެ ބޮޑު މަނަވަރު މިދިޔަ އަހަރުގެ ތެރޭގައި ދިފާއީ ބާރުގެ ހިދުމަތަށް ނެރެ ބޭނުންކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

