އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ނަންބަރު އައިނު ހެއްދުމުގެ ހިދުމަތް ފެށިފަހުން، 12،056 މީހުން އެ ހިދުމަތް ހޯދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވެވީ، ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައި ދެއްވަވައި، މިއަދު ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އައިޖީއެމްއެޗުން އާސަންދައިގެ ދަށުން އައިނު ހައްދައިދޭން ފެށީ، މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައި އެ ހިދުމަތް ފެށީ، އެ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.
ރައީސް މިއަދު ވަނީ މި ދެ ހޮސްޕިޓަލުގައި ނަންބަރު އައިނުގެ ހިދުމަތް ފެށުމާއެކު، މިހައިތަނަށް އެ ހިދުމަތް ބޭނުންކުރި މީހުންގެ ތަފާސް ހިސާބު، ރިޔާސީ ބަޔާނުގައި ހިއްސާ ކުރައްވައިފައެވެ.
މީގެ އިތުރުން، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވައި އާސަންދައިގެ ދަށުން 2000 ރުފިޔާއަށް އައިނު ހެއްދުމުގެ މަގުފަހިކޮށްދީ، ނަތީޖާއެއްގެ ގޮތުން މިހާތަނަށް 12،988 މީހުން، ލޯ ދައްކާފައިވާއިރު، އޭގެތެރެއިން، 12،056 މީހުން ވަނީ މި ނިޒާމުގެ ތެރެއިން އައިނު ހައްދާފައި.“ ރައީސް މުއިއްޒުގެ ތިންވަނަ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.
އަމިއްލަ ތަންތަނުން ވެސް އާސަންގެ ދަށުން އައިނު ހެއްދޭއިރު، އާސަންދައިން އައިނު ހައްދަން ފޯރުކޮށްދޭ އެހީ 2000 ރުފިޔާ އަށް ވަނީ ބޮޑު ވެސް ކޮށްދީފައެވެ.
ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް އިތުރަށް ވިދާޅުވީ، ސިއްހީ ދާއިރާއާއި ގުޅުންހުރި 143 މަޝްރޫއުއެއް އަތޮޅުތެރޭގައި މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ސިއްހީ ދާއިރާގެ ތެރެއިން، މާލެ ސަރަހައްދުގައި ދެވޭ ހިދުމަތްތައް ހަރުދަނާ ކުރުމަށް ވެސް، ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
މިގޮތުން ފާއިތުވި އަހަރުގައި އައިޖީއެމްއެޗުގައި 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވޯޑެއް ގާއިމުކޮށް ހިދުމަތް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އެގޮތުން، މުޅިން އަލަށް ބައެއް ސާޖަރީތަކާ ޕްރޮސީޖަރތައް ވަނީ ފަށާފަ. ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން، އިމަޖެންސީ ރޫމްގެ އެނދުގެ އަދަދާއި، ޑަޔަލިސިސް ހިދުމަތުގެ އެނދުގެ އަދަދު އިތުރުކޮށް، ހިދުމަތްތައް ވަނީ ފުޅާކޮށްފަ.“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސިއްހީ ދާއިރާގައި އިންސާނީ ވަސީލަތް އިތުރު ކުރުމަށް ވެސް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ ކަމަށާއި، އެ މަސައްކަތުގެ ދަށުން ތައާރަފު ކުރެވިގެންދާނެ އައު ހިދުމަތްތަކުގެ ދަށުން މި އަހަރު ވެސް ވަރަށް ގިނަ ސިއްހީ ހިދުމަތްތެރިން އުފެދިގެންދާނެ ކަމަށެވެ.

