އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ގައުމު ބަނގުރޫޓުވާނެ ހުރިހާ ކަމެއް ކުރި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ޕީއެންސީން ކުޅުދުއްފުށި ސިޓީގައި، ޕީއެންސީގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ، އެ ޕާޓީގެ ވެރިކަމުގައި މަޝްރޫއުތައް ހިންގުމުގެ ނަމުގައި ޕާޓީގެ ވެރިންގެ ”އަންބޮޑި“ ބޮޑު ކުރުމަށް، އެޑްވާންސްގެ ގޮތުގައި ފައިސާ ދެމުން ގޮސް، އެންމެ ފަހުން މަޝްރޫއު ކުރިއަށް ނުގެންގޮސް، ހުއްޓައިލަނީ ކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު އިއްޔެ އިއްވެވި ރިޔާސީ ބަޔާނުން ވެސް، އޭރު ވެރިކަމުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތްގޮތް ސާފުކަން ފާހަގަކުރައްވައި، ޝިޔާމް ވިދާޅުވީ، ދައުލަތުގެ ރިޒާވްގައި، ތިން މަސް ދުވަހުގެ ކާޑު ގަންނަ ވަރަށް އޭރު ފައިސާ ހުރިއިރު، މިވެރިކަމުގައި 1.13 ބިލިއަން ޑޮލަރަށް ރިޒާވްގައި ހުރި މިންވަރު އިތުރު ކުރެވުނު ކަމަށާއި، އެއީ މުޅި ރިޔާސީ ބަޔާނުގައި ވެސް އެންމެ ފާހަގަކޮށްލެވުނު ކަންތައް ކަމަށެވެ.

އަދި އެމްޑީޕީގެ ވެރިކަމުގައި 14 ބިލިއަން ރުފިޔާގެ ބަޖެޓު ޑެފިސިޓެއް ހުރިއިރު، މި ވެރިކަމުގައި އަރަނި ބަޖެޓަކަށް ބަދަލު ކުރަމުންދިޔަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.