ހދ.ކުޅުދުއްފުށި ސިޓީގައި ހެދުމަށް ނިންމާފައިވާ 2،000 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު މިކަން ހާމަކުރެއްވީ، ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާ ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕޭން ހދ.ކުޅުދުއްފުށީގައި އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މުއްތަލިބު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ 2،000 ހައުސިން ޔުނިޓުގެ މަސައްކަތް މިހާރު ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފައި ކަމަށެވެ.
އެ ކުންފުނިން އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި، މި އަހަރުގެ ތެރޭގައި އޭގެ މަސައްކަތްވެސް ފަށައި، ހައުސިން ޔުނިޓުތައް ދޭންޖެހޭ ފަރާތްތައް ހޯދުމަށްޓަކައި އިއުލާންކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެކަމަށް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ ކުރީ ސަރުކާރުން ކުޅުދުއްފުށީގައި ހައުސިން މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރެއްގެ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށެވެ.
އެ ކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި 65 މިލިއަން ރުފިޔާ، އޭރުގެ ސަރުކާރުން ދިންއިރު، މަޝްރޫއު ކުރިއަށް ދަނިކޮށް، 21 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އެ ވެރިކަން ނިމިގެންދިޔައިރު ވެސް، މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ނިންމުނީ އެންމެ 18 ޕަސަންޓް މަސައްކަތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

