ތެލެސީމިއާ އަދި ހީމޮގްލޮބިންއާ ގުޅޭ ތަހުލީލުތައް ފުޅާދާއިރާއެއްގައި ކުރުމަށްޓަކައި މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ގައި މޮލިކިއުލާ (ޑީއެންއޭ) ލެބޯޓްރީއެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ލެބޯޓްރީ ހުޅުއްވައިދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ނާޒިމް އިބްރާހީމެވެ.
ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމުކުރި މި ލެބޯޓްރީގެ ސަބަބުން، ތެލެސީމިއާ ބަލި ދެނެގަތުމަށާއި އެ ބަލީގެ ފަރުވާގެ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މި ލެބޯޓްރީގެ އެހީގައި އާއިލީ ގޮތުން ވާރުތަކުރާ ލޭގެ މިއުޓޭޝަންސްގެ މުހިއްމު ބާވަތްތައް ރާއްޖޭގައި ތަހްލީލު ކުރެވި ނަތީޖާ ލިބިގެންދާނެ ކަމަށެވެ.
އަދި މި ލެބޯޓްރީ މެދުވެރިކޮށް ޖުމްލަ 27 ބާވަތެއްގެ މިއުޓޭޝަންސް ދެނެގަނެވޭނެކަމަށް ވެސް ވިދާޅުވިއެވެ.
ހަލީމް އިތުރަށް ވިދާޅުވި ގޮތުގައި، މިއީ ލޭގެ ފަރުވާ ހޯދާ ފަރާތްތަކަށް ނުހަނު މުހިއްމު ތަހުލީލުތަކެކެވެ.
އަދި ރާއްޖޭގައި ފެންނަ ލޭގެ ބަލީގެ ބާވަތްތަކަށް ބަލައި، މިކަމަށް ހާއްސަ ކުރެވިފައިވާ ކިޓްތައް ފަރުމާ ކުރެވިފައި ވަނީ ދިވެހިންނަށް ހާއްސަ މިންގަނޑުތަކަކަށް ރިއާޔަތްކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ހަދަމުން އައި ތަހްލީލުތަކުން ދެނެނުގަނެވޭ މުހިންމު މިއުޓޭޝަންސްތައް މި އައު ލެބޯޓްރީގެ އެހީގައި ދެނެގަނެވޭނެއެވެ.
މި ހިދުމަތުގެ ސަބަބުން ޅައުމުރުގައި އަދި ކައިވެނިކުރުމުގެ ކުރިން ތެލެސީމިއާ ވާރުތަކުރާ ގޮތް ހުންނަ ފަރާތްތައް ދެނެގަނެ، ތެލެސީމިއާގެ ނިސްބަތް ކޮންޓްރޯލް ކުރުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ.
އަދި ތެލެސީމިއާ ޕްރީނޭޓަލް ޑައިގްނޯސިސް ނުވަތަ ދަރިފުޅު ބަނޑުގައި އޮންނައިރު ބަލި ހުރިތޯ ބެލުމުގެ ހިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން، ކުރިއަށް އޮތް ޖީލުތަކަށް މިކަމުގެ ފައިދާ ދެމިގެންދާނެ ކަމަށް އެމްބީއެސް އިން މައުލޫމާތުދެއެވެ.

