މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް މިމަހުގެ 16 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު  ވިދާޅުވީ ބަރުބަރީ މިސްކިތް މިމަހުގެ 16 ވަނަ ދުވަހުގެ އަސުރު ނަމާދަށް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

3 ފަންގިފިލާއަށް އިމާރާތްކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

މިއީ އަމިއްލަ ފަރާތަކުން ބިނާކުރާ މިސްކިތެކެވެ.

ޝަހީމް ވިދާޅުވީ ވިލި މާލެ މަސްޖިދުއްސަލާމް އަދި ޒިކުރާ މިސްކިތުގެ އަމަލީ މަސައްކަތްވެސް ރަމަޟާން މަސް ފަހުން ފެށިގެންދާނެކަމަށާއި ރަމަޟާން މަސް ކައިރި ވެފައި އޮތުމުން މިތަންތަން ތަޅާ ނުލައި މަސައްކަތް ފެށުން ލަސްކޮށްލީ ރައްޔިތުންނަށް ދަތިވެދާނެތީކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ދެ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސްޕޮންސަރ ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، މި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވުމާއެކު، މާލެ ސަރަހައްދުގައި ހުންނާނީ ބާ މިސްކިތަކަށް ހެންވޭރު އަފީފުއްދީން މިސްކިތް އެކަނި ކަމަށެވެ.

އެތަނަށް ވެސް އެހީ ހަމަޖެހިގެންދާނެކަމަށާއި މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދި އެމިސްކިތުގެ މަސައްކަތް އަންނަ އަހަރު ރޯދައަށް ނިމޭން ކަމަށާއި ހިރިގަލުގެ އާސާރީ މިސްކިތްތައް އާސާރީ ތަންތަންގޮތުގައި ދަމަހައްޓާނެ ކަމަށް ވެސް  ޝަހީމް ވިދާޅުވއިެވެ.