އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް (އީ ޕެޓިޝަން ޕޯޓަލް) އެއް ތައާރަފްކޮށްފިއެވެ.

އެ ޕޯޓަލް ތައާރަފް ކޮށްފައިވަނީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، އީ-ޕެޓިޝަން ޕޯޓަލް ތަޢާރަފު ކުރެވިގެން ދިއުމަކީ، ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރަށް ފުޅާކުރުމުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި މިއީ، ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށްދޭނެ މުހިންމު ވަސީލަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެ ޕޯޓަލް އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ މި ޕޯޓަލްއަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށާއި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާ ކުރުމަށް އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށެވެ.

މީގެކުރިން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ބޭނުންނަމަ ޖެހޭނީ މަޖިލީހުގެ މެންބަރަކު މެދުވެރިކޮށް އެ ޕެޓިޝަނެއް ހުށަހަޅާށެވެ.

މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ޕޯޓަލްގައި ސޮއިކުރުމާއި ސޮއިކުރާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރާނީ ’އީ-ފާސް‘ މެދުވެރިކޮށެވެ.