ރައީސް ޑރ. މުހައްމަދު މުއިއްޒު، ”ގަޟާއީ އަހަރު 2026“ އިފްތިތާހު ކޮށްދެއްވައިފިއެވެ.

މިއީ ފާއިތުވި އަހަރު، ޝަރުއީ ދާއިރާއިން ކުރެވުނު މަސައްކަތްތައް ފާހަގަކުރުމާއެކު، އެ އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުއީ ގޮތުންނާއި، އިދާރީ ގޮތުން ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ލަނޑުދަނޑިތައް ކަނޑައެޅުމަށް ކޮންމެ އަހަރަކު ބާއްވާ އިހްތިފާލެކެވެ.

މި ރަސްމިއްޔާތުގައި، ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަސް ފަނޑިޔާރަކު ވަނީ ތަކްރީމުކުރައްވާފައެވެ.

ތަކްރީމް ކުރެއްވުމަކީ ޝަރުއީ ދާއިރާއަށް ހިދުމަތް ކޮށްދެއްވާފައިވާ ފަނޑިޔާރުންގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ޝަރަފެއް އެރުވުމެވެ.

އެ ފަސް ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުގެ ސިއްކަ ޖަހާފައިވާ ފަތްކޮޅާއި ޝަރަފުގެ މެޑަލް އަރުވާފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދުއެވެ.

އަދި ޝަރުއީ ދާއިރާއަށް އެކި ރޮނގުތަކުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަނޑިޔާރުންނާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ވެސް، މިރޭގެ ރަސްމިއްޔާތުގައި ވަނީ ހަވާލުކޮށްފައެވެ.

އަދި މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ ގަޟާއީ ބަޔާން އިއްވަވާފައެވެ.