ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒު، ޖަރުމަނުގެ ރައީސް ސްޓައިންމަޔަރ އާއި އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ދެ ގައުމުގެ މަންދޫބުން ބައިވެރިވާ ހާއްސަ ބިޒްނަސް ފޯރަމެއްވެސް މި ދަތުރުފުޅުގެ ތެރެއިން ބޭއްވުމަށް ވަނީ ރޭވިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހަމްބޯލްޓް ޔުނިވަރސިޓީއަށާއި ޖަރުމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސްއަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެ ތަންތަނުގައި ތަގުރީރު ކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ ތަޖުރިބާތަކާއި، ހާރިޖީ ސިޔާސަތުގައި ކަނޑުތަކުގެ ދައުރާ ގުޅޭގޮތުން ރާއްޖެއިން ދެކޭގޮތުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލައްވާނެއެވެ.