ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް (ޕެޓްސް) މުބާރާތުގައި މި އަހަރު ވާދަކުރި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސްޕެޝަލް ފޯސަސް ގެ ޓީމުން ރަން މެޑަލް ހާސިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 16 ގައުމަކުން 24 ޓީމު ބައިވެރިވި މި މުބާރާތަކީ އަހަރަކު އެއްފަހަރު ބާއްވާ، ޓީމުތަކުގެ އަސްކަރީ ހުނަރުގެ މޮޅުކަމާއި، އަސްކަރީ އަހްލާގާއި، ބައިވެރިންގެ ހިތްވަރާއި އަޒުމް، ބުންވަރާއި މެންޓަލް ފިޓްނަސް އަދި ޓީމުގެ ބަދަހި ގުޅުން ތަފާތު އެތަކެއް އުނދަގޫ ހާލަތުގައި ޓެސްޓު ކުރާ މުބާރާތެއް ކަމަށެވެ.
”ދިވެހި ސިފައިންނަށް ހޫނު މަރުޙަބާއެއް ކިޔާ، ޓީމުގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން.“ ރައީސް ވިދާޅުވިއެވެ.
މި މަހުގެ ފަސް ވަނަ ދުވަހުން ހަތްވަނަ ދުވަހަށް ބޭއްވި މި މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިންނެވެ.
ޓީމުގެ މެނޭޖަރަކީ ލެފްޓިނަންޓް މުހައްމަދު ނީވީން އަދި އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވަނީ ކާނަލް މުހައްމަދު ނާޒިމެވެ.
ޕެޓްސް މުބާރާތަކީ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ.
މިގޮތުން މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމްއެންޑީއެފުން ބުނީ، ބޭރުގެ ގިނަ އަސްކަރިއްޔާތަކަކާ ވާދަކޮށް، ދިވެހި އަސްކަރިއްޔާއިން މި ފަހުރުވެރި ކާމިޔާބީ ހާސިލުކޮށްފައި މި ވަނީ ރައީސް މުއިއްޒު ، ދިވެހި އަސްކަރިއްޔާގެ ގާބިލުކަމާއި ދިވެހި ސިފައިންގެ ހުނަރުވެރިކަން މަތިކޮށް، ތަރައްގީ ކުރުމަށް ދެއްވާ ހާއްސަ ސަމާލުކަމާއި، ދެއްވާ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

