ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް މި ސަރުކާރު ޖަވާބުދާރީކުރުވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

އަލީ އާރިފް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވަނީ، ސަރުކާރު ޖަވާބުދާރީކުރުވުމަށް އިދިކޮޅު އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުދޭން ޖެހޭނެ ކަމަށް އެ ޕާޓީގެ އިސްބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީއެވެ.

ރައްދުގައި ކުރެއްވި ޕޯސްޓުގައި އަލީ އާރިފް ވިދާޅުވީ މިހާރުވެސް ސިލްސިލާގޮތެއްގައި ރައްޔިތުންގެ އެކި ފަންތީގެ، އެކި ގިންތީގެ ގާތަށް ރައީސް އަމިއްލަފުޅަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ.
އަދި މަދު މީސްކޮޅެއްގެ ބަދަލުގައި ރައީސް ވަޑައިގަނަންނަވަނީ ސީދާ ރައްޔިތުންގެ ދަރުބާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

”އެހެން މީހަކު އެކަން ކުރޭތޯ ރައީސް މަޑެއް ނުކުރައްވާ. ވަޒީރުންނާއި އެމްޑީން ގޮވައިގެން ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތަށް ސީދާ ވަޑައިގެން، ރައްޔިތުންގެ ދަރުބާރުގައި ރައީސް އަމިއްލަފުޅަށް މި ސަރުކާރު ޖަވާބުދާރީ އެ ކުރުވަނީ،“ އޭނާ ވިދާޅުވިއެވެ.

ވެރިކަން ކުރާ ޕީއެންސީގެ އިސް ބޭފުޅުން ވެސް ވިދާޅުވަމުން ގެންދަވަނީ، ކައުންސިލްތަކަކީ ސަރުކާތު ޖަވާބުދާރީ ކުރުވަން ޖެހޭ ބައެއް ނޫން ކަމަށާއި، އެއީ ސަރުކާރާ ގުޅިގެން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން ޖެހޭ ބައެއް ކަމަށެވެ.