އަންނަ ބުރާސްފަތި ދުވަހު، ސައުދީ އަރަބިއްޔާގެ ހުރިހާ ސަރަހައްދެއްގައި އިސްތިސްޤާ ނަމާދު ކުރުމަށް އެ ގައުމުގެ ރައްޔިތުންނަށް ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ގޮވާލައްވައިފިއެވެ.
މިކަމަށް ގޮވާލައްވައި ރަސްގެފާނު ނެރުއްވި ބަޔާނުގައި ތައުބާވެ އިސްތިޣުފާރުކުރުން ގިނަކުރުމަށާއި، އިހުސާންތެރިވުމަށާއި، ސުންނަތް ނަމާދުތަކާއި ހެޔޮކަންކަން ކުރުން އިތުރުކުރުމަށްވެސް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައިވެއެވެ.
އެ ބަޔާނުގައި ވަނީ، މިއީ މާތް ނަބިއްޔާގެ ސުންނަތެއްކަން ވެސް ފާހަގަކުރައްވައިފައެވެ.
އިސްތިސްޤާ ނަމާދަކީ، ވާރޭ ނުވެހި ގިނަދުވަސްވެ، ހަނަފަސްކަން ބޮޑުވުމުން، އެ ހާލަތުން މިންޖުކޮށްދެއްވައި ވާރޭ ވެއްސަވައިދެއްވުން އެދި ބޮޑު ޖަމާއަތުގައި ކުރާ ސުންނަތް ނަމާދެކެވެ.
ހަނަފަސްކަން ވެރިވެ މީގެ ކުރިން، 2020 ވަނަ އަހަރުގައި ވެސް ސައުދީގައި އިސްތިސްގާ ނަމާދު ކޮށްފައިވެއެވެ.
އަދި ރާއްޖޭގައި ވެސް ވާރޭ ނުވެހި ގިނަ ދުވަސް ވާނަމަ، ދެ ރަކުއަތުގެ މި ސުންނަތް ނަމާދު ކުރެއެވެ.

