ސައިންސްގެ ދާއިރާއިން މުސްތަގްބަލު ބައްޓަން ކުރުމަށް އަންހެނުންގެ ދައުރު މުހިންމު: ރައީސް

އެމަނިކުފާނުގެ މެސެޖްގައި، ރާއްޖޭގެ ތަރައްގީގެ ދަތުރު ބިނާވެފައިވަނީ ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށްކަމުގައި ވިދާޅުވެފައިވެއެވެ.

މޫސުމީ ބަދަލުތަކުން ރައްކާތެރިވުމާއި، އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ގޮންޖެހުންތަކުން އަރައިގަތުމުގައި އަންހެނުންގެ އިސްނެގުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު މަތީ ތަޢުލީމާއި، ސްކޮލަރޝިޕް އަދި ފަންނީ ތަމްރީނުތަކަށް އަދުގެ ސަރުކާރުން ދެއްވާ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން، ސައިންސް، ޓެކްނޯލޮޖި، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް)، އައިސީޓީ އަދި މެރިން ސައިންސް ފަދަ ދާއިރާތަކަށް ދިވެހި އަންހެނުން ޝައުގުވެރިވެ، މިދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުންދާތީ އެކަން ފާހަގަކުރައްވައި، އެކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ތައުރީފު ކުރައްވާފައިވެއެވެ.

ސައިންސްގެ ދާއިރާއިން އެންމެން ޝާމިލްވާ، ފާގަތި މުސްތަޤުބަލެއް ބިނާކުރުމުގެ ބިންގަލަކީ ފުރުސަތުތައް ފަހިކޮށްދިނުންކަން ފާހަގަކުރައްވައި އެމަނިކުފާނުވަނީ، މި ދާއިރާގައި ހުރި ހުރަސްތައް ނައްތާލައި، ސައިންސްގެ ދާއިރާއިން ތައުލީމު އުނގެނުމާއި، ވަޞީލަތްތައް ފަހިކޮށްދެއްވައި އެކަމަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިކަމުގެ މަގްސަދަކީ، ސައިންސްގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ކޮންމެ ދިވެހި އަންހެން ކުއްޖަކަށްމެ، އެ ރޮނގުން ތައުލީމު އުނގެނި، ބާރުވެރިކުރުވައި، ކުރިއަށްދެވޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ދިރާސާކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ޑިޖިޓަލް ހުނަރުތައް ތަރައްގީ ކުރުމަށް ސަރުކާރުން ދޭ އިސްކަމުގެ ތެރެއިން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ޒުވާން އަންހެނުންނަށް އައު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަމިއާއެކު، ގައުމުގެ އީޖާދީ، އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގައި އަންހެންކުދިންނަކީ އިސް ސަފުގައި ހަރަކާތްތެރިވާ ބަޔަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.