މީހެއްގެ ހަށިގަނޑު އަންދާލައި، ދަބަހަކަށް ލާފައި ވަނިކޮށް އިންޑިއާގެ ޕަންޖާބު ސްޓޭޓުގެ ބަޓިންޑާ އަވަށުގެ ދަނޑުވެރިންތަކަކަށް ބުދަ ދުވަހު ފެނިއްޖެއެވެ.

ހައިވޭއެއްގެ އެއް ފަރާތުގައި އޮއްވައި ފެނުނު އެ ދަބަހުގެ ތެރޭގައި ވަނީ ޒުވާން އަންހެނެއްގެ ހަށިގަނޑެވެ. ”‏އެންޑީޓީވީ“ އިން ބުނިގޮތުގައި، އޭނާގެ ހަށިގަނޑުގެ އެއްބައި އަނދާފައިވާއިރު، އަނިޔާގެ ނިޝާންތައްވެސް ހަށިގަނޑުން ފެންނާން ހުއްޓެވެ.

ދަނޑުވެރިންތަކަކަށް ދަބަސް ފެނުމާއެކު ފުލުހުންނަށް ރިޕޯޓު ކުރިއެވެ. އެއާއެކު ފޮރެންސިކް ޓީމު ގެނެސް، މިކަން ހިނގާދިޔަ ގޮތުގެ ތަހުގީގު ވަނީ ފަށައިފައެވެ.

ފުލުހުން ވަނީ ދަބަހުން ފެނުނީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފަށައިފައެވެ. ބެލެވޭ ގޮތުގައި، އެއީ ވަރަށް ޒުވާން އަންހެނެއްގެ ހަށިގަނޑެވެ. އެގޮތުން އޭނާއަށް ވާނީ ގާތްގަނޑަކަށް 20 އަހަރު ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އަދި އެ ހަށިގަނޑުން ނުބައި ވަސް ނުދުވާތީ، މިއީ ދާދި ފަހުން ހިނގި ކަމެއް ކަމަށް ބެލެވޭ ކަމަށް ވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.

ޕަންޖާބު ޕޮލިސްގެ ޑިރެކްޓަރ ޖެނެރަލް ގޯރަވް ޔަދަވް ވިދާޅުވީ، މި މައްސަލައިގެ ތަހުގީގުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވަމުންދާ ކަމަށާއި، އަނިޔާވެރިންނަށް ހައްގު އަދަބު ދޭނެ ކަމަށެވެ.

ޕަންޖާބުގައި ހިނގި މި ހާދިސާ ފަދަ އިތުރު ހާދިސާއެއް އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ވެސް ވަނީ ހިނގާފައެވެ. އާދިއްތަ ދުވަހު، އެތަނުގައި ދަބަހަކަށް ލާފައި އޮއްވައި ފެނިފައި ވަނީ އުމުރުން 25 އަހަރުގެ އަންހެނެއްގެ ހަށިގަނޑެވެ.