ރައީސް ޖާމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސްއަށް ޒިޔާރަތް ކުރައްވައިފި

ޑީޖީއޭޕީ އިން ރައީސްއަށް މަރުޙަބާ ވިދާޅުވީ، އެ ކައުންސިލްގެ ނައިބު ރައީސް، ރޮލްފް ނިކެލް އާއި، ޑިރެކްޓަރ ތޯމަސް ކްލައިން- ބްރޮކްހޯފް އާއި، އެ ކައުންސިލްގެ ސެންޓަރ ފޯ ކްލައިމެޓް އެންޑް ފޮރިން ޕޮލިސީގެ ހެޑް އަދި ޑެޕިއުޓީ ރިސަރޗް ޑިރެކްޓަރ ޑޮކްޓަރ ކިރާ ފިންކަރއެވެ.

މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، ކަނޑުތައް ބެލެހެއްޓުމާ ބެހޭގޮތުން ދިވެހިރާއްޖެއިން ގެންގުޅޭ ވިސްނުން ބަޔާންކޮށްދެއްވައި، ޚާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން ތަޤުރީރެއްދެއްވާފައެވެ.

މޫސުމީ ތަންޒީމާއި ހަޔަވީ ސިންދަފާތާއި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމުކުރުމުގައި ކަނޑުތަކުން އަދާކުރާ ދައުރު ކިތަންމެ މުހިންމުކަމުގައިވާނަމަވެސް، އިސްތިރާޖީ އަދި ހާރިޖީ ފިކުރުގައި، އެކަށީގެންވާ މިންވަރަކަށް ކަނޑުތައް ތަމްސީލުކުރެވިފައިނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި، ތާރީހީ، އިގްތިސާދީ، ސަގާފީ އަދި ދިފާއީ ގޮތުންވެސް ރާއްޖެ އާއި ކަނޑާ ލާމެހިފައިވާ މިންވަރު ފާހަގަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އިގްތިސާދަށާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮށްފާނޭ ބޮޑެތި އަސަރުތަކުގެ މައްޗަށް، އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ރާއްޖެ އޮންނަނީ، ދުނިޔޭގެ ވިޔަފާރީގެ މައި މަގުތަކެއް އަނގޮޅިވާ، އިސްތިރާޖީގޮތުން ވާދަވެރިކަން ބޮޑު ސަރަޙައްދެއްގައިކަމާއި، މީގެ ސަބަބުން، ހިންދު ކަނޑަކީ، 21 ވަނަ ޤަރުނުގެ އެންމެ މުހިންމު އެއް ސަރަހައްދަށް ވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ބައިނަލްއަގްވާމީ ބައިވެރިވުމާއި، އިތުބާރާއި، ހިއްސާކުރާ މިންގަނޑުތަކެއްގެ އެހީގައި، ދުނިޔޭގައި މައުލޫމާތު ދައުރުކުރާ އެންމެ ބޮޑު ވިޔުގަ ކަމުގައިވާ، ކަނޑުގެ އަޑީގެ ޑިޖިޓަލް ބިނާރު ބެލެހެއްޓުމުގެ މުހިންމުކަމަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މޫސުމީ ހަރަކާތްތެރިކަމުގައި ވަރުގަދަ އަޒުމު ދައްކައި، ކަނޑުތަކުގެ ރައްކާތެރިކަން އިތުރުކޮށް، ޝާމިލު ގޮތެއްގައި ގިނަ ގައުމަތުން އެކުގައި މަސައްކަތްކޮށް، ބައިނަލްއަގްވާމީ މިންގަނޑުތައް ބައްޓަންކުރާ ފަރާތްތަކުގެ ގޮތުގައި ކުދި ދައުލަތްތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ތަގުރީރު ނިންމަވާލައްވާފައިވަނީ، ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ހާރިޖީ ސިޔާސަތަކީ، ދިވެހިރާއްޖެއަށް ވުޖޫދީ، އަދި ބައިނަލްއަގްވާމީ މުޖުތަމައުއަށް އަސާސީ ކަމެއް ކަމަށް ވިދާޅުވަމުންނެވެ.

އަދި ދުނިޔޭގެ ކަނޑުތަކަކީ، އެއްބާރުލުންދިނުމަށާއި، ވިލުންތެރިކަމަށާއި، މަސްއޫލިއްޔަތު ހިއްސާކުރުމަށް ޖާގަ އޮންނަ ތަނެއްކަން ކަށަވަރުކުރުމަށްޓަކައި، ޖަރުމަނުވިލާތާއި، އެނޫންވެސް، މި ވިސްނުން ހިއްސާކުރާ ބައިވެރިންނާއެކު މަސައްކަތްކުރަން ދިވެހިރާއްޖެ އޮތީ ތައްޔާރަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ މުސްތަގްބަލާއި، ބައިނަލްއަގްވާމީ ހަމަޖެހުން ބައްޓަންކުރާނީ، ކަނޑުތައް ބެލެހެއްޓުމުގައި އޮންނަ އުސޫލުތަކުން ކަން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަޤުރީރަށް ފަހު، ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ، ކަނޑުތަކުގެ ސަލާމަތްކަން ކަށަވަރުކޮށް ވިލުންތެރިކަން އިތުރުކުރުމުގައި ރާއްޖެއިން ގެންގުޅޭ އުސޫލު ބިނާކޮށްފައިވަނީ، އަވައްޓެރި ޤައުމުތަކާއެކު އޮންނަ ބަދަހި ގުޅުންތަކާއި، ސަރަޙައްދީ ނަޒާހަތްތެރިކަމަށް ކުރާ އިޙުތިރާމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަތީގައިކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ރައްކާތެރިކުރުމުގެ ގާބިލިއްޔަތު އިތުރުކުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

އަދި ބައިނަލްއަގްވާމީ ފެންވަރުގައި މޫސުމީ ހަރަކާތްތެރިކަން ކުރިއަށް ގެންދިއުމަކީ ދިވެހިރާއްޖޭގެ އިލްތިޒާމެއްކަމުގައި ދެކިވަޑައިގަންނަވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެ އާއި ޖަރުމަނުވިލާތުގެ ފަސްދޮޅަސް އަހަރުވީ ޚާރިޖީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ އިސްނެގުންތައް ހިމެނޭހެން، އެއް ޤައުމަށް އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށްވެސް ވާހަކަފުޅުދައްކަވާފައެވެ.