ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން، އާންމުންނަށް ހުޅުވާލައިގެން ވަރަށް ހާއްސަ ދަރުހެއް މިރޭ ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

”ﷲ ގެ ނިޔާއަށް ރުހުން“ މި މައުޟޫއުއަށް ހާއްސަކޮށްގެން މިރޭ ދަރުސް ދެއްވާނީ އައްޝައިހް މުހައްމަދު އިބްރާހީމް (ނައިފަރު)އެވެ.

ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައި ހުޅުމާލެ ރުއްގަނޑު 2 ސަރަހައްދުގައެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މި ދަރުހަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެވުމަކީ އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީގެވެސް ވަރަށް ބޮޑު އެދުމެކެވެ.

މިއީ، ހުޅުމާލޭގައި ދީނީ ދަރުސްތައް ދިނުމާއެކު ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމަށް، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގ (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ ދަރުހެކެވެ.

އެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން، ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދަނީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި، މުޅިން ހިލެއެވެ.

އެ ޤުރުއާން ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ހަފްތާގައި ހުޅުވާލުމުން 100 އަށްވުރެ ގިނަ ކުޑަކުދިން ވަނީ އެ ކްލާސްތަކުގައި ބައިވެރިވެފައެވެ.

އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން އަލް އަސްރާއެކު ވެވުނު މި އެއްބަސްވުމަކީ، ދީނަށް ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެކެވެ.

އެގޮތުން، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އެ ކޯޕަރޭޝަންގެ އަމާޒެކެވެ.