ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަހައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް ރޭގެ ނިޔަލަށް 53،308 މަސްދަޅު ކޭސް ދޫކޮށްފިއެވެ.
މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ފެށީ ހުސްވި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.
ރޯދަ ހަދިޔާ މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިންމާލާފައިވާއިރު، އެއްވެސް ސަބަބަކާހުރެ މަސްދަޅު ކޭހާއި ޙަވާލުނުވާ ފަރާތްތަކަށް ދެން މަސްދަޅު ކޭސް ލިބިވަޑައިގަންނަވާނީ މިފްކޯ މަސް ފިހާރައިންނެވެ.
މިފްކޯ މަސް ފިހާރައިން މަސްދަޅު ކޭސްތައް ދޫކުރަނީ މުލަ ރޯދަ ދުވަހާ ހަމަޔަށެވެ.
މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް މާލެ ސަރަޙައްދުގައި ކުރިއަށް ގެންދިޔައީ މިނިސްޓްރީގެ އިސް ނެންގެވުމާއެކު ސަރުކާރުގެ ކުންފުނިތަކާއި، ފުލުހުންނާއި ސިފައިން ގުޅިގެންނެވެ.
މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު އެކަމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

