ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ސިލްވަރސްޓަރ، އަލީ ހަސަން (44އ) އާއި ހދ. ކުޅުދުއްފުށި / ކަސްތޫރިގެ، މުހައްމަދު އިޙްސާން (21އ) އެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނީ އަލީ ހަސަން (44އ) ހައްޔަރުކޮށްފައިވަނީ 2025 ޑިސެމްބަރު 24 ވަނަ ދުވަހު ކަމަށާއި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ އަންނަ މަހުގެ އެއްވަނަ ދުވަހަށް ކަމަށެވެ. އަދި މުހައްމަދު އިހުސާން (21އ) ހައްޔަރުކޮށްފައިވަނީ މި މަހުގެ ތިންވަނަ ދުވަހު ކަަމަށްވާއިރު އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ އަންނަ މަހުގެ ހަވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި، ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށް، ޖިންސީގޯނާ ކޮށްފައިވަނީ 15 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ފުލުހުން މައުލޫމާތުދެއެވެ.

ކުޑަކުދިން ”ގްރޫމް“ ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ފުލުހުން ދަނީ ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.